2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ: ރައީސް މުޢިއްޒު

2028ge minivan dhuvahaa hama ah gina mashroouthakeh ninmaaleveyne: Raees Muizzu

2028 ވަނަ އަހަރުވާނީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހާސިލްވެގެންދާނެ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކުރީގެ ސަރުކާރުތަކުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މުއްދަތުގައި ނިންމި 285 މަޝްރޫޢާއި، އޭގެ ކުރީ ސަރުކާރުގައި ނިންމި 321 މަޝްރޫޢާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރުވެސް 1635 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރާ މަސައްކަތް ޑެލިވަރ ކުރާނަން. އަޅުގަނޑުމެން ކުރަނީ އެންމެނަށް ހަމަހަމަކޮށް. ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އިންސާފުވެރިކޮށް. ލާމަރުކަޒީކޮށް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

2028 ވަނަ އަހަރަށް އޮތް ތަޞައްވަރު

ރައީސްގެ ވާހަކަފުޅުގައި 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަންވާއިރަށް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނިކޮށި، އަދި ފިޓްނެސް ސެންޓަރުތައް ނިންމާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭޓީއެމްތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، ލެބޯޓަރީތައް ހިމެނޭހެން ސިއްޙީ ޚިދުމަތް ވަރުގަދަކޮށް، ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ އިންކުލޫސިވް އެޑިއުކޭޝަން ނިޒާމުގެ ތެރެއިން ތަރައްޤީކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ސެޑްތަކާއި، 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ އަތޮޅެއްގައި ސީޓީ ސްކޭންއާއި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކުރެވި، ޤުރުއާނާ ބެހޭ މަރުކަޒުތަކާއި ޔުނިވަރސިޓީތަކުގެ މަސައްކަތްތައްވެސް ފުރިހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، މަދުވެގެން 100 ރަށެއްގެ ކައުންސިލް އިދާރާތައް ނިންމާ ހަވާލުކުރެވޭނެ ކަމަށެވެ. އިޤްތިޞާދީ ގޮތުން ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެހެން 10 ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބޮޑުތަނުން ކުރިއަށްދާނެ ކަމަށާއި، މާލޭގެ މަގުތައް ހެދުމާއި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތްވެސް އެ މުއްދަތަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތަކާއެކު 2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments