ކާބޯތަކެތީގެ އިންސްޕެކްޓަރުން އުސޫލާ ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް
Kaaboathaketheege inspectorun usoolaa khilaafuvehjjenama bodu joorimanaaeh

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އަލަށް އެކުލަވާލި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދުގައެވެ.
މި ޤަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ދުރާލައި އެންގުމަކާ ނުލައި ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމުގެ އިތުރުން، އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި ތަކެތި ނައްތައިލުމުގެ ބާރުވެސް އިންސްޕެކްޓަރުންނަށް ވަނީ ދީފައެވެ. ނަމަވެސް، އަމިއްލަ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޖޫރިމަނާ ކުރާނެ މަރުހަލާތައް
އިންސްޕެކްޓަރަކު ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އަޅާނެއެވެ. ޖޫރިމަނާ ކުރާނެ އުސޫލަކީ:
- ފުރަތަމަ ފަހަރު: 5,000 ރުފިޔާ
- ދެވަނަ ފަހަރު: 10,000 ރުފިޔާ
- ތިންވަނަ ފަހަރު: 25,000 ރުފިޔާ
- ހަތަރުވަނަ ފަހަރު: 50,000 ރުފިޔާ
- ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު: 100,000 ރުފިޔާ
މީގެ އިތުރުން، އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކާބޯތަކެތީގެ ވިޔަފާރި ހިންގުމުގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.
އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެފަދަ ޝަކުވާތަކަށް 30 ދުވަހުގެ ތެރޭގައި އެ އިދާރާއިން ޖަވާބެއް ދޭންޖެހޭނެއެވެ. ޖޫރިމަނާގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.




