ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

Kanduoiygirin masverinah ice vihkkan fashaifi

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ. މިއީ އެ ސަރަހައްދުގައި މަސައްކަތްކުރާ މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ އައިސް ޕްލާންޓެކެވެ. މި ޕްލާންޓުގެ ސަބަބުން ކައިރި ސަރަހައްދުތަކުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން، މިފްކޯއިން ވަނީ މި މަހުގެ ތެރޭގައި އެ ރަށުގައި ހިކިމަސް ކާރުޚާނާއެއް ވެސް ހުޅުވާފައެވެ. މި ކާރުޚާނާއަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ތަނެކެވެ. މި ތަނުގައި ރޯމަސް ގެނެސް، ކަނޑައި، ކެއްކުމުގެ އިތުރުން މަސް ދިލަޖައްސައި ޕެކްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މިފްކޯއިން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް، މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާއެކު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެ ރަށުގެ ޚިދުމަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރަމުންނެވެ. ރާއްޖޭގެ މިހާރުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 9,500 މެޓްރިކް ޓަނެވެ. ސަރުކާރުގެ އަމާޒަކީ މި އަދަދު 25,000 ޓަނަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރުވެސް ހަތަރު ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments