ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދަން: މުއްތަލިބް
Sarukaarun masahakai kuranee ehvess mashrooeh huhtaanulai kuriah gendhan: Muthalib

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސައުދުﷲ ހިލްމީ ވަނީ ވަރަށް ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ދިމާވަނީ 2020 އަދި 2021 އިން ފެށިގެން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކޮށްފައިވާތީތޯ ނުވަތަ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވިގެންތޯ ސުވާލު ކުރައްވާފައެވެ. އަދި މިކަމާ ގުޅޭ ދިރާސާއެއް ކުރުމަށް މިނިސްޓްރީން ހިޔާލު ކުރައްވާތޯ ވެސް މެންބަރު ސުވާލު ކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއްތަލިބް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކުރުމަށް ކަމަށާއި، އެ މަސައްކަތްތައް ކުރާއިރު ވީހާވެސް ގިނައިން އަދި ވީހާވެސް ރަނގަޅަށް ކަންކަން ކުރެވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ބޭރުން ލޯނު ހޯދުމުގައި ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަށް ބޭރުން ލޯނުތައް ލިބުމުގައި ދަތިތަކެއް އެބަހުރި. އެހެންވީމަ ދައުލަތަށް ލިބޭ އާމްދަނީއިން މުސާރައާއި ތެޔޮ ސަބްސިޑީ ބޮޑުވުމާއި މި ހުރިހާ ކަމަށް ހަރަދުކޮށްފައި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ މަޝްރޫތަކެއް ކުރިއަށް ގެންދިއުމަށްޓަކައި،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ދިމާވާނެކަން ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި މަޝްރޫއުތަކާއި، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ އައު ވައުދުތައް އެކުގައި ކުރިއަށް ގެންދަން ޖެހުމުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ އެ ހުރިހާ ކަމެއްވެސް ކޮށް ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.




