ގަމުގައި “އުފަކާރަ” ގެ ނަމުގައި ކާބޯތަކެތީގެ މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ބާއްވަނީ
Gamugai "ufakaara" ge namugai kaaboathaketheege masahkai kuraa faraaithakah thamreen programe eh baahvanee

ލ. ގަމުގައި ކާބޯތަކެތީގެ މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން “އުފަކާރަ” ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ގަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓު 13 އިން 15 އަށެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކޮށް ލޭބަލް ކުރުމުގެ ޤަވާޢިދަށް އަހުލުވެރި ކުރުވުމާއި، ކާބޯތަކެތި ރައްކާތެރި ގޮތުގައި ތައްޔާރުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ އިތުރުން ކާބޯތަކެތި ރައްކާ ކުރާނެ ގޮތް ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކާއި، ޓްރޭސަބިލިޓީ އެންޑު ރިކޯލްއާއި، ޢާންމު ސާފުތާހިރުކަމާއި ސާފުކުރުމާއި ސެނިޓައިޒް ކުރުން ވެސް މި ޕްރޮގްރާމްގައި ކިޔަވައިދޭނެއެވެ.
މީގެ އިތުރުން، ކަމާބެހޭ އޮންލައިން ޕޯޓަލްގައި ރަޖިސްޓްރީ ކުރާނެ ގޮތްތައް ވެސް މި ތަމްރީނުގެ ތެރެއިން ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ. މި ޕްރޮގްރާމަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިކަމާއެކު ޚިދުމަތް ދިނުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޯގަސްޓު 2026 ގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް ގަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެދިފައެވެ.




