ސިކްސް ސެންސް ލާމުން އިންތިޒާމް ކޮށްގެން ބޭއްވި ”ލާމަފަރު ފެސްޓިވަލް“ ބާއްވައިފި

Six sense laamun inthizaam kohgen beyhvvi "Laamaafaru festival" baahvaifi

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ސިކްސް ސެންސް ލާމުން އިންތިޒާމް ކޮށްގެން ބޭއްވި ”ލާމަފަރު ފެސްޓިވަލް“ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި ޖަމްޢިއްޔާތައް ހިމެނޭހެން 11 ފަރާތަކުން ގުޅިގެން މި އަހަރުގެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ ލ. ގަމު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައެވެ.

މި އަހަރުގެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ ”ޕްރޮޓެކްޓިންގ އަވަރ އޯޝަން ޓުގެދަރ“ މި ޝިޢާރުގެ ދަށުންނެވެ. ސިކްސް ސެންސް ލާމުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ކޯޑިނޭޓަރ އާއިޝަތު ފިތުރާ ފަޒީލް ވިދާޅުވީ، ކޮވިޑާ ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި މި ފެސްޓިވަލަކީ މި ސިލްސިލާގެ 7 ވަނަ ފެސްޓިވަލް ކަމަށާއި، ގިނަ އެންޖީއޯތަކާއި ކައުންސިލުތަކުގެ އެއްބާރުލުމާއެކު ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ކަމަށެވެ.

ސްޓޯލްތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް
މި ފެސްޓިވަލުގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ލާމު އަތޮޅުގެ ކައުންސިލުތަކުން ތަފާތު އެކި ތީމްތަކަށް ސްޓޯލްތައް ތައްޔާރުކުރިއެވެ. މިގޮތުން އަތޮޅު މެރިން ސެންޓަރުން ވެލާ އަދި މަންތާރޭއާ ބެހޭ މަޢުލޫމާތުތައް ކުޑަކުދިންނާ ގުޅޭ ގޭމްތަކާއެކު ހިއްސާކުރިއިރު، މިޔަރު ޖަމްޢިއްޔާއިން ވަނީ ސްޕޮޓްއޮން ޕްރޮޖެކްޓުގެ ދަށުން ފާނަ މިޔަރު ނުވަތަ ލެޕާޑް މިޔަރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކައުންސިލުތަކުން ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކޮށް، އުކާލާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ މޮޑެލްތައް ދައްކާލާފައިވެއެވެ.

ތިމާވެށީގެ ޙަރަކާތްތަކުގެ އިތުރުން ސަޤާފީ ކަންކަމަށްވެސް މި ފެސްޓިވަލުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. އެގޮތުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހުށަހަޅައިދިން ”ލާމު ސަޤާފީ ހުނަރު“ އަދި ”ރިދަމް ބޮޑުބެރު“ ގްރޫޕުގެ ފޯރިގަދަ ބޮޑުބެރުގެ ޙަރަކާތްތައް ފެނިގެންދިޔައިރު، ފެސްޓިވަލް ނިންމާލާފައިވަނީ އެވޯޑު ދިނުމުގެ ޙަރަކާތްތަކުންނެވެ.

ޕްރީ-ފެސްޓިވަލް ނެޓްވަރކިންގ ސެޝަން
ފެސްޓިވަލުގެ މައިގަނޑު ޙަރަކާތްތަކުގެ ކުރިން، ސިކްސް ސެންސަސް ލާމުގެ ”ސީ ހަބް އޮފް އެންވަޔަރަންމަންޓަލް ލަރނިންގ އިން ލާމު“ (ޝެލް) ގައި ”ކަނެކްޓިންގ ފޯ އަވަރ އޯޝަން“ ގެ ނަމުގައި ޚާއްޞަ ޕްރީ-ފެސްޓިވަލް ނެޓްވަރކިންގ ސެޝަނެއް ކުރިއަށް ގެންދިޔައެވެ. މި ސެޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިމާވެށި ރައްކާތެރިކުރުމަށާއި މުޖުތަމަޢުގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، މެރިން ބައޮލޮޖީ ދާއިރާއަށް ދިވެހިން ނެރުމަށާއި ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted