މިއަދު ވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ: މެޓް އޮފީސް
Miadhuves boakoh vaareyvehi moosun goasvaane: MET office

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެއެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައިކަަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓްތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ފ. ބިލެއްދުއަށެވެ. އެއީ 48.6 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ދައްކަނީ ހުޅުމާލެއަށެވެ. އެއީ 35.8 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. އެއީ 31.2 މިލިމީޓަރުގެ ވާރޭއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.




