ފެނަކައިގެ އައު ޕްރޮކިއުމަންޓް ޕޮލިސީއަށް އަންނަ މަހު ޢަމަލުކުރަން ފަށަނީ
Fenakaige au procument policy ah anna mahu amalukuran fashanee

ފެނަކަ ކޯޕަރޭޝަނަށް ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ހަދާފައިވާ ޕްރޮކިއުމަންޓްގެ ނިޒާމު ހަރުދަނާކޮށް، އައު ޕްރޮކިއުމަންޓް ޕޮލިސީއަށް އަންނަ މަހުގެ ތެރޭގައި ޢަމަލުކުރަން ފަށާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ވިދާޅުވީ، ޕްރޮކިއުމަންޓް އުސޫލުތައް މުރާޖާކޮށް އިސްލާހުކުރުމަކީ މިވަގުތު އެންމެ އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އަދި އައު ޕްރޮކިއުމަންޓް އުސޫލާއެކު މޮނިޓަރިންގ ނިޒާމާއި ޚަރަދުކުރުމުގެ ކަންކަން ބޮޑުތަނުން ހަރުދަނާވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
“ޕްރޮކިއުމަންޓް ޕޮލިސީތައް ހުރިގޮތް ރިވިއުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން މިގެންދަނީ. އެކި ލެވަލްގައި ވެރިންނާއި މުވައްޒަފުންނާއެކު މިދަނީ މަޝްވަރާކުރަމުން. އަންނަ މަހުގެތެރޭގައި ޕޮލިސީއަށް ބަދަލުގެނެސް ޢަމަލުކުރަންފެށޭނެ،” އަފީފް ވިދާޅުވިއެވެ.
އަފީފް އިތުރަށް ވިދާޅުވީ، މާޒީގައި ޕްރޮކިއުމަންޓް ކަންކަން ކުރިއަށްގެންދިޔައިރު މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ކާކުކަން ސާފުނުވާ ފަރާތްތަކަށާއި ކުދި ކުންފުނިތަކަށް ބޮޑެތި މުދާ ސަޕްލައިކުރަން ހަވާލުކޮށްފައި އެބަހުރި ކަމަށެވެ. އަދި ލިޔެކިޔުން ނެތުމުގެ ސަބަބުން، ޚިދުމަތް ރަނގަޅަށް ދިން ބައެއް ފަރާތްތަކަށް ފައިސާ ދިނުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދެން އިސްކަންދޭނީ ސީދާ މެނުފެކްޗަރާއިން ނުވަތަ އިތުބާރު ހުރި ކުންފުނިތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ތަކެތި ހޯދުމަށް ކަމަށެވެ.
ސަރުކާރު ބަދަލުވިއިރު އެންމެ ހާލަތު ދަށް ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނޭއިރު، އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި 2021 އިން 2023 އަށް ހަވާލުކުރި 2.23 ބިލިޔަން ރުފިޔާގެ މަސައްކަތްތަކުގެ ތެރެއިން 1.3 ބިލިޔަން ރުފިޔާގެ މަސައްކަތް (438 އެއްބަސްވުން) ހަވާލުކޮށްފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުންނެވެ. މި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ އުސޫލު އިސްލާހުކުރުމަށް އަންގާފައެވެ.
ރާއްޖޭގެ 127 ރަށަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ފެނަކައިގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ކުންފުނި ރައިޓް ސައިޒްކުރުމާއި ކޮންޓްރެކްޓަރުންގެ ދަރަނި ކުޑަކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.




