ހިތަދޫ އާއި މާބައިދޫ ހިމެނޭހެން މިއަހަރުގެ ނިޔަލަށް 7 ރަށެއްގައި އައިސްޕްލާންޓްގެ ޚިދުމަތް ފަށަނީ
Hithadhoo aai Maabaidhoo himneyehen miahariuge niyalah 7 rashehgai iceplantge khidgumaiy fashanee

ލ. ހިތަދޫ އަދި ލ. މާބައިދޫ ހިމެނޭހެން ޖުމްލަ 7 ރަށެއްގައި މިއަހަރުގެ ނިޔަލަށް އައިސް ޕްލާންޓް ޤާއިމުކޮށް ޚިދުމަތް ދޭން ފެށޭނެކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް އަލަށް 5 އައިސް ޕްލާންޓެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިތުރު 7 ރަށެއްގެ އައިސް ޕްލާންޓް މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތައް:
މިއަހަރުގެ ނިޔަލަށް ޚިދުމަތް ފެށުމަށް އަމާޒުހިފާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ މ. ވޭވަށް (60 ޓަނު)، ޅ. ނައިފަރު (40 ޓަނު)، ލ. މާބައިދޫ (25 ޓަނު)، ލ. މާވަށް (10 ޓަނު)، ލ. ހިތަދޫ (10 ޓަނު)، އއ. އުކުޅަސް (5 ޓަނު) އަދި ބ. ކުޑަރިކިލު (5 ޓަނު) އެވެ. މި ޕްލާންޓްތަކުގެ ތެރެއިން ބައެއް ތަންތަނުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، އަނެއްބައި ޕްލާންޓްތަކުގެ މަސައްކަތް ހުރީ ފެށުމުގެ މަރުހަލާގައެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 145 ޓަނުގެ އައިސް ޕްލާންޓްތަކަށް އިތުރުކުރެވިފައިވެއެވެ. އަދި 2026 ގެ ނިޔަލަށް މި އަދަދު 300 ޓަނަށް އިތުރުކުރުމަށާއި، 2027 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 630 ޓަނަށް އެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެއިތުރުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް ނިންމާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.




