ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: އައުޓްރީފް އެސްސީ އާއި ފޮއެމަތި އެއްވަރު، ޔުނައިޓްޑް އައުޓްރީފަށް މޮޅެއް

ފަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި އައުޓްރީފް ސްޕޯޓްސް ކްލަބާއި ފޮއެމަތި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޔުނައިޓެޑް އައުޓްރީފުން ކިންގް ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

އައުޓްރީފް އެސްސީ އާއި ފޮއެމަތި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލީޑު ނެގީ އައުޓްރީފް އެސްސީ އިންނެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އަހުމަދު ބައްސާމް (ބައްކު) ތަނަވަސްކޮށްދިން ފުރުސަތަކުން ފޮއެމައްޗަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ މީސާގް (މީއްޓެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޮއެމަތިގެ ބައްކު އެވެ.

މި ނަތީޖާއާއެކު، ގުރޫޕު ”ސީ“ ގެ މި ދެ ޓީމަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފޮއެމަތިން ކުޅުނު ފުރަތަމަ މެޗުގައި ބެސްޓް ބޯއީޒް ބަލިކޮށްފައިވާއިރު، އައުޓްރީފް އެސްސީ އިން ވަނީ ޖީޖީއެސްސީ ބަލިކޮށްފަ އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޔުނައިޓެޑް އައުޓްރީފުން ކިންގް އެސްސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑް އައުޓްރީފްގެ އަލީ އަޝްފާޤް (ދަގަނޑޭ) ވަނީ ދެ ގޯލު ޖަހާފަ އެވެ. ދަގަނޑޭގެ އިތުރުން، އެ ޓީމަށް ގޯލު ޖަހައިދިނީ އަބްދުﷲ އަރީފް އެވެ. ކިންގް ގެ ހަމައެކަނި ގޯލު ޖެހީ މޫސާ ހާނިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަގަނޑޭ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އައުޓްރީފަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފަ އެވެ. ކިންގް އެސްސީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments