ދިވެހި ސާފް ލީގު 2026 ގެ ”ކެރަންޑޫ“ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފި
Dhivehi surf league 2026 fe "Kerandoo" event kaamiyaabu kamaaeku ninmaalaifi

ސީ ސްޕޯޓްސް ދިވެހި ސާފިންގ ލީގު 2026 ގެ ”ކެރަންޑޫ“ އިވެންޓް ސެޕްޓެމްބަރ 2 އިން 5 އަށް ލ. މާބައިދޫގައި ކުރިއަށް ގެންދިއުމަށްފަހު މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 40 ބައިވެރިން ވާދަކުރި މި މުބާރާތުގައި މައިގަނޑު ތިން ކެޓަގަރީއަކުން ވަނީ ވާދަކޮށްފައެވެ.
މުބާރާތުގެ ވަނަތައް
މި މުބާރާތުގެ މެންސް އޯޕަން ޝޯޓްބޯޑް ކެޓަގަރީ އަދި ޖޫނިއަރ ބޯއިސް (އަންޑަރ 18) ޝޯޓްބޯޑް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކ. މާލެއަށް ނިސްބަތްވާ ޔާސިން އަޙްމަދު ނާޝިދު އެވެ. އަދި މި ދެ ކެޓަގަރީގެ ރަނަރަޕް މަޤާމު ހޯދީ މުޙައްމަދު އިނާން ޢަބްދުލްޙައްނާނު އެވެ.
މާބައިދޫ ކައުންސިލްގެ އެދުމުގެ މަތިން އިތުރުކުރެވުނު މެންސް އޯޕަން ބޮޑީބޯޑިންގ ކެޓަގަރީގެ ޗެމްޕިއަންކަން ލ. ގަން މުކުރިމަގަށް ނިސްބަތްވާ ޢަލީ ޖާވިދު ހޯދިއިރު، މި ކެޓަގަރީގެ ރަނަރަޕްކަން ހޯދީ ލ. ގަމުގެ މުޙައްމަދު ނިފާޒު އެވެ. ބޮޑީބޯޑިންގ ކެޓަގަރީގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ މާބައިދޫ ކައުންސިލުންނެވެ.
އިންތިޒާމުތަކާއި އެހީތެރިކަން
މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނާއި ގުޅިގެން މާބައިދޫ ކައުންސިލުން މި މުބާރާތުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާއިރު، މިކަމުގައި ފެނަކަ މާބައިދޫ ބްރާންޗާއި، އާރްޑީސީ މާބައިދޫ ސައިޓް އަދި އެމްޓީސީސީ މާބައިދޫ ސައިޓުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. އަދި މުބާރާތުގެ ފަސްޓް އެއިޑްގެ އެންމެހައި ކަންކަން ބަލަހައްޓާފައިވަނީ މާބައިދޫ ޞިއްޙީ މަރުކަޒުންނެވެ.
ނިންމުމުގެ ރަސްމިއްޔާތު
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލ. މާބައިދޫ ކައުންސިލްގެ ރައީސް ޙަސަން ޢާދިލް އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ”މި މުބާރާތަކީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫންކަމާއި މިއީ އަޅުގަނޑުމެންގެ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި ޚާއްޞަކޮށް ސާފިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން އެތުލީޓުންނަށް މިއީ އެމީހުންގެ ހުނަރު ދައްކާލުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.




