’އާރުވެރި‘ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިރޭ ހަމަވަނީ

Aaruveri grant ah proposal hushaelhumuge muhdhathu mirey hamavanee

ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ”އާރުވެރި މެޗިންގް ގްރާންޓް“ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިރޭ މެންދަމު 11:59 އަށް ހަމަވާނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކުރި މި ސްކީމަށް އެއް މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ޝަރުތުހަމަވާ ފަރާތްތަކުން މިރޭ މެންދަމު 12:00 ގެ ކުރިން ރަސްމީ ”އާރުވެރި މެޗިން ގްރާންޓް ޕޯޓަލް“ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

278 މިލިއަން ރުފިޔާގެ ބަޖެޓެއް

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދީފައިވެއެވެ. އަދި މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި ސްކީމަކީ ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ ”ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. 2023 ވަނަ އަހަރު ފެށި، 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted