ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު އެކުލަވާލުމުގެ މަސައްކަތްތައް ނިންމަނީ
Raajjeyge qaumee ecosystem chart ekulavaalumuge masahkaithah ninamnee

ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން، ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު (މެޕް) އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް ޚާއްސަ ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) ގުޅިގެން ކުރިއަށްގެންދިޔަ ”ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް މޯލްޑިވްސް އެކްސެލެރޭޓަރ ފައިނަލް ވޯކްޝޮޕް“ އެވެ.
މި ވޯކްޝޮޕަކީ ގްރޫޕް އޮން އަރތް އޮބްޒަވޭޝަންސް (ޖީ.އީ.އޯ) އަދި ޖޭމްސް ކުކް ޔުނިވަރސިޓީގެ ކޮލެޖް އޮފް ސައިންސް އެންޑް އިންޖިނިއަރިންގގައި ހުންނަ ގްލޯބަލް އިކޮލޮޖީ ލެބް ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 އިން 24 ގެ ނިޔަލަށް، އޮސްޓްރޭލިއާގެ ޓައުންސްވިލްގައި ހުންނަ ޖޭމްސް ކުކް ޔުނިވަރސިޓީގައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން އިކޯސިސްޓަމް މެޕް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ރާއްޖޭގެ އެއްގަމުގެ އިކޯސިސްޓަމްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި މެޕުގެ އެންމެ ފަހުގެ ވާޝަން ވަނީ މުރާޖަޢާކޮށްފައެވެ. އަދި މި ޗާޓުގެ ސައްޙަކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި އައު މަޢުލޫމާތުތައް ހިމަނައި، ދިވެހިބަހާއި ރާއްޖޭގެ ސަޤާފީ ތަރިކަ ރަމްޒުކޮށްދޭ ގޮތަށް ޗާޓު ބައްޓަންކުރުމަށް ބައިވެރިން އެހީތެރިވެދީފައިވެއެވެ. މީގެއިތުރުން، އެއްކުރެވުނު ޑޭޓާތައް ލިޔެކިޔުމަށް ތިރިކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމާއި ޢާންމުންނަށް ލިބޭނެ އިންތިޒާމުތައް ވަނީ ރާވާފައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެކުލަވާލެވޭ ޗާޓުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށްޓާއި އިކޯސިސްޓަމްތަކާ ގުޅޭ ސައިންޓިފިކް އަދި އިތުބާރުހުރި ތަޞައްވުރެއް ލިބިގެންދާނެއެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ޕްލޭންތައް އެކަށައެޅުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާކޮށް ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.




