ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަންގައިފި
Traffic qavaaidhuthakaa thakuraarukoh khilaafuvaa meehunah harukashi fiyavalhu alahm angaifi

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ފުލުހުންގެ ކަމާބެހޭ ބަހާތަކަށް އަންގަވައިފިއެވެ.
ސީޕީ ދެއްވި މެސެޖެއްގައި ވިދާޅުވީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، ނުރައްކާތެރި ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކާ މެދު ހާއްސަ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަގްސަދަކީ މަގުތަކަކީ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި އަދި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމެވެ. އަދި މަދު ބައެއްގެ ސަބަބުން ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
”މި ފިޔަވަޅުތައް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި އަޅަމުން ދިއުމަށް، ފުލުހުންގެ ކަމާބެހޭ އެންމެހާ ބަހާތަކަށް އަޅުގަނޑު މިހާރު ވަނީ އަންގާފައެވެ،“ ސީޕީ އަހްމަދު މުހައްމަދު ވިދާޅުވިއެވެ. މި ފިޔަވަޅުތައް ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަންފީޒު ކުރަމުންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސީޕީ މި އެންގެވުން އެންގެވިއިރު، ދާދި ފަހުން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާގައި ހިމެނޭ ސައިކަލެއް ދުއްވި 21 އަހަރުގެ މީހަކީ ލައިސަންސް ނެތް މީހެއް ކަމަށާއި، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ދުއްވުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާއަކީ ލައިސަންސް ނެތިގެން މި އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމާނާ ކޮށްފައިވާ މީހެއްކަންވެސް ވަނީ ހާމަވެފައެވެ.




