ވަސީލަތްތަކާއެކު ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފުރިހަމައަށް ތައްޔާރު: ދިފާޢީ ވަޒީރު
Vaseelaithakaaeeku kanduge sarahahdhu belehehtumah furihama ah thahyaaru: Dhifaaee vazeeru

ވަސީލަތްތައް އިތުރުކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ”އަހާ“ ފޯރަމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޚާއްސަކޮށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ރައްކާތެރިކުރުމަށާއި، ބޭރުގެ ފަރާތްތަކުން ސަރަޙައްދަށް ވަދެދާނެ ފަދަ ކޮންމެ ހާލަތަކަށް ސިފައިން އަބަދުވެސް ތިބެނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ. އަދި މި މަސައްކަތް ފުރިހަމަކަމާއެކު ކުރެވޭނީ ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ތުރުކީން މަނަވަރެއް ހޯދުމާއި، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ބޭނުންކުރުމުގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ދިން މަނަވަރު ފަދަ ވަސީލަތްތައް ހޯދުމަކީ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
”ވަސީލަތްތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާ. އިތުރު އުޅަނދުތަކާއި އިތުރު ވަސީލަތްތައް އިތުރުކޮށް ކެޕޭސިޓީ ވަރުގަދަކުރައްވަން އިސްކަން ދެއްވާ،“ ވަޒީރު ވިދާޅުވިއެވެ.
ކޯސްޓްގާޑުގެ އުޅަނދުތައް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޕެޓްރޯލްކުރާ 3 އުޅަނދު ހޯދާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު 17 އުޅަނދު ގެންނާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ ތެރެއިން ބައެއް އުޅަނދުތައް އަންނަ ނޮވެމްބަރު މަހު ގެނެވޭނެ ކަމަށާއި، 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑު ކަމަށްވުމުން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




