ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ: ވަޒީރު ސައީދު
Rajjeah mudhaa etherekuraa minvaru record adhadhakah ithuruvehjje: Vazeeru Saeed

ވިޔަފާރިތަކުގެ އިގްތިސާދީ ހަރަކާތްތައް ފުޅާވެ، މުޅި ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރިއަށްދާއިރު، ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ދުވަހަކު ވެސް މައްޗަށް ނުދާ މިންވަރަކަށް އިތުރުވެފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މުދާ އެތެރެކުރާ މިންވަރު އިތުރުވުމަކީ އިގްތިސާދީ ހަރަކާތްތައް ފުޅާވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފާހަގަކުރައްވަމުން، އެ ދާއިރާގައި ގާތްގަނޑަކަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރުގެ މާލޭ ވިޔަފާރި ބަނދަރަށް ބޮޑެތި ބުރަތަކެއް ކުރިމަތިވެ، ޖާގައިގެ ދަތިކަމުގެ ސަބަބުން މުދާ ބޭލުމާއި ކްލިއަރ ކުރުމުގައި ގޮންޖެހުންތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބަނދަރުގައި ކްލިއަރ ނުކުރެވި ގިނަ އަދަދެއްގެ ކޮންޓޭނަރު
ވަޒީރު ސަޢީދު ހާމަކުރެއްވި ގޮތުގައި، ކްލިއަރ ނުކުރެވި ގާތްގަނޑަކަށް 5،000 ކޮންޓޭނަރު މާލޭ ބަނދަރުގައި އެބަހުއްޓެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ގާތްގަނޑަކަށް 3،000 ކޮންޓޭނަރު ހުރި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ބަނދަރުން މިހާރު ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ކޮންޓޭނަރު ކާގޯ ކްލިއަރ ކުރަން ފަށާފައިވާ ކަމަށާއި، މިއީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރާއި ވިޔަފާރިތަކުގެ ހަރަކާތްތެރިކަން އިތުރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަކީ ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެފައިވާ އެންމެ ދުވަސްވީ އެއް ހުރަސްކަން ފާހަގަކުރައްވައި، ދާއިމީ ހައްލެއް ނުލިބި ބަނދަރު ފުޅާކުރުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ބޮޑު ޖާގައިގެ އައު ބަނދަރެއް ތަރައްގީކުރުމަށެވެ.
ތިލަފުށީ ބަނދަރުގެ މަސައްކަތް 2028 އަށް
ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިން ކުންފުނި އެކުލެވޭ ކޮންސޯޝިއަމެއް އެކުލަވާލާފައިވާއިރު، ވަޒީރު ސަޢީދު ސިފަކުރެއްވި ގޮތުގައި މިއީ މި މަޝްރޫއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމައަށް މަސައްކަތްކުރާ ޒަމާނީ ބަނދަރެއްގެ ޚިދުމަތް ވިޔަފާރިތަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އުއްމީދެވެ. އަދި މި އައު ބަނދަރާއެކު، ވޭތުވެދިޔަ 40 ވަރަކަށް އަހަރު ދުވަހު މުދާ ދައުރުވުމަށާއި އިގްތިސާދީ ދުވެއްޔަށް ހުރަސްއަޅާފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




