ޖިނާއީ ކުށްތަކުން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
Jinaaee kuhthakun hoadhaa mudhaa dhaulathah negumaa gulhey bileh majileehah husha'alhaifi

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މުދާ ނެގޭނެ ކުށްތައް
މި ބިލުގެ ދަށުން މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި ހިމެނެނީ:
- ނިރުބަވެރިކަމުގެ ކުށާއި، ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށް
- މީހަކު މެރުމުގެ ކުށް
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، މީހުން ޓްރެފިކް ކުރުމުގެ ކުށް
- އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތައް
- ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
- ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
- އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
- ކޮރަޕްޝަންގެ ކުށާއި، އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް
- 500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
- 100،000 ރުފިޔާއަށް ވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި، ވައްކަމާއި، ޚިޔާނާތުގެ ކުށްތައް
- 100،000 ރުފިޔާއަށް ވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމާއި މުދާ ސްމަގަލް ކުރުމުގެ ކުށް
މީގެ އިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި، އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.




