ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި މަޝްވަރާކޮށްފި
Kuriaalaa inzaarudhey harudhanaakurumah qaumee fenvarugai mashvaraakohffi

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ތަފާތު އެކި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ގައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުމާއި ބޭނުންތަކަށް އިސްކަންދީގެން ކުރިއާލާ އިންޒާރުދޭ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ”ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން“ ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ކުރިއާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްކަންދޭންޖެހޭ މައިގަނޑު ކަންކަން އެއް މިސްރާބަކަށް ގެނައުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މި މަސައްކަތްތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ބޭނުންވާ ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.
އެކުލަވައިލުމަށް ހަމަޖެހިފައިވާ މި މަގުޗާޓުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނެނީ:
- މޫސުމީ ވިލުންތެރިކަން އިތުރުކުރުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ވިލުންވެރި މުޖުތަމައެއް ބިނާކުރުން.
- ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުން: އިތުބާރުހުރި އިލްމީ މަޢުލޫމާތާއި ހޯދުންތަކުގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލައި ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްގެން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
- އެންމެ ފަހު މީހާއާ ހަމައަށް އިންޒާރު ފޯރުކޮށްދިނުން: ރާއްޖޭގެ އެކަހެރި އަދި އެންމެ ދުރު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް، އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ފަހުމްވާނޭހެން ކާރިސާގެ އިންޒާރު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ބައްދަލުވުމަކީ ކާރިސާތަކުން ރައްކާތެރިވުމަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ގައުމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮންމެ ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު އަދި އުންމީދީ ފިޔަވަޅެކެވެ.




