ސްކޭމްތަކުގައި ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި
Scam thakuga gehllunu 2 lakka ahvure gina rufiyya anburaa hoadhaifi

މިދިޔަ ހަފުތާގެ ތެރޭގައި އެކި ވައްތަރުގެ ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން 208،708 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 11 އިން 17 ގެ ނިޔަލަށް ސްކޭމްގެ 38 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މުއްދަތުގައި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 387،881 ރުފިޔާއަށް އަރައެވެ.
މި މައްސަލަތަކުގައި ސްކޭމް ހިންގުމަށް އެކި ވަސީލަތްތަކާއި ޕްލެޓްފޯމްތައް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ، ޓިކްޓޮކް، ފޯނު ކޯލް، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ހިމެނެއެވެ.
ރިޕޯޓުކުރި މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައީ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ 16 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ 10 މައްސަލަ، ބުކިންގ ކެންސެލޭޝަން އަދި ރިފަންޑް ސްކޭމްގެ 5 މައްސަލަ، އިންވެސްޓްމަންޓް ސްކޭމްގެ 2 މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ 5 މައްސަލަ ހިމެނެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތުގެ ޕްރޮފައިލާއި ޕޭޖަށް ދީފައިވާ ރިވިއުތައް ރަނގަޅަށް ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބާޒާރުގެ އާންމު އަގަށްވުރެ މާ ބޮޑަށް އަގުހެޔޮކޮށް ހުންނަ ހުށަހެޅުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.




