ރަޖިސްޓްރީ ނުލިބޭތީ ގަމު ހޮސްޕިޓަލް އަށް ހަދިޔާކުރި ލޯންޗު އަދިވެސް ބޭނުންނުކުރެވޭ!
Registry nulibeythee gamu hospital ah hadhiyaa kuri launch adhives beynun nukurevey!

ދިވެހި ސަރުކާރުގެ ”މޯލްޑިވްސް ހެލްތު ލައިން“ ޕްރޮގްރާމްގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ހަދިޔާކުރި ލޯންޗުގެ ރަޖިސްޓްރީ ނުލިބޭތީ، އެ ލޯންޗު އަދިވެސް ބޭނުމެއް ނުކުރެއެވެ.
މި ލާންޗު ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ފޮނުވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކުރީކޮޅުގައެވެ.
މިކަމާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން ގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް، ލިބޭ ގޮތެއްް ނުވިއެވެ. އެ ހޮސްޕިޓަލްގެ އިސް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އެ ލޯންޗު ހިދުމަތަށް ނުގެނެވިގެން އުޅެނީ ލޯންޗުގެ ރަޖިސްޓްރީގެ ކަންކަން ނުނިމޭތީއެވެ.ރަޖިސްޓްރީގެ ކަންކަން ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީއިންނެވެ.
ސަރުކާރުން ހަދިޔާކުރި މި ލޯންޗަކީ، ރަށްރަށަށް އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށާއި، ލެބޯޓްރީ ސާމްޕަލްތައް އުފުލުމަށާއި، ބަލިމީހުން އުފުލުމަށް ހާއްސަކޮށްފައިވާ ލޯންޗެކެވެ. އެހެންނަމަވެސް، ލޯންޗުގެ ރަޖިސްޓްރީގެ ކަންކަން ދިގުލައިގެންދާތީވެ،ގަމު ރީޖަނަލް ހޮސްޕިޓަލުން މިފަދަ ބޭނުންތަކަށް އަދިވެސް ރަށްރަށަށް ދަތުރުކުރަނީ ލޯންޗު ކުއްޔަށް ނަގައިގެންނެވެ.
މި ލާންޗުގެ ސަބަބުން ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ފަސޭހައެއްް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.




