މުސާރަ ކުޑަކުރިއަސް ފަހަތަކަށް ނުޖެހޭނަން: ނީނާ
Musaara kuda kurias fahathakah nujeheynan: Neena

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މުސާރަ ކުޑަކުރިއަސް، މަސައްކަތުގައި ދެމި ހުންނާނެ ކަމަށް ގަމު ޑަބްލިއުޑީސީގެ ރައީސާ މަރިޔަމް ނީނާ ވިދާޅުވެއްޖެއެވެ.
ނީނާ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑު ޚަރަދުކޮށްގެން ލޯނު ނަގައިގެން ކިޔަވައިގެން ކޮންމެހެން ނަރުހަކަށް ނޫނީ ޓީޗަރަކަށް ނޫނީ ސިވިލްސަރވަންޓަކަށް ވާކަށް ނުޖެހޭ ކަމަށެވެ. ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަ ކަމުގައި ވިއަސް، ކިޔަވައިގެން ކުރިއަށް ދިޔައީމަ އެ ދާއިރާއަށް އަދި އެ މީހާއަށް ވެސް ފައިދާ ވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
“ސިޔާސީ ދާއިރާއަށް ނުކުންނަ މީހުންނަކީ ނުކިޔަވާ ތިބި ބައެއް ކަމަށް ނުވަތަ ސިޔާސީ ދާއިރާ އަކީ ނުކިޔަވާ ތިބެ ނުކުންނަން އޮތް ދާއިރާއެއް ކަމަށް ޤަބޫލު ކުރުމަކީ ހިތާމަހުރި ކަމެކެވެ. އެހެނީ އަހަރެމެންގެ ޤައުމާއި އަހަރެމެންގެ ރަށުގެ ވެރިންނަށް މި އަންނަނީ ސިޔާސީ މީހުންނެވެ. އެމީހުންނަކީ ނުކިޔަވާ ތިބެންޖެހޭ ބައެއް ކަމަށް ރައްޔިތުން ދެކެގެން ނުވާނެއެވެ. އެމިހުންނަކީ ވެސް ކިޔަވައިގެން ހުރެ އެ މަޤާމަށް އަންނަ ބަޔަކަށް ހެދުމަށް ވޯޓުލާއިރު ވެސް ވިސްނަންވާނެއެވެ.”
ވެރިން ހޮވާއިރު ކިޔަވައިގެން ތިބި މީހުން ހޮވުމަށް އިސްކަންދޭން ޖެހޭ ކަމަަށް ނީނާ ވިދާޅުވިއެވެ.ނީނާ ވިދާޅުވީ، އޭރުން ސިޔާސީ ދާއިރާއަށް ނުކުންނަ މީހާއަށް ވެސް ކޮންމެ ވެސް ވަރެއްގެ ޢިލްމެއް ޙާސިލްކޮށްގެން އެ ދާއިރާއަށް ނުކުންނަން މަޖުބޫރުވާނެ ކަމަށެވެ.މީގެއިތުރުން ނީނާ ވިދާޅުވީ ، ކަންކަން ރަނގަޅަށް ކުރެވޭނީ އަދި ތަރައްޤީ ގެނުވޭނީ ކިޔަވައިގެން ހުރި އެކަމަށް ޤާބިލް މިހުންނަށް ކަމަށެވެ.
ނީނާ ވިދާޅުވީ، އާންމު ވަޒީފާއަކަށް ކުރިމަތިލައި، އިންޓަވިއުއަކުން ފާސްވެގެން މަޤާމެއް ލިބޭހާ ފަސޭހައިން އިންތިޚާބީ މަޤާމުތަކެއް ނުލިބޭ ކަމަަށެވެ. އިންތިޚާބީ މަޤާމަކަށް އާދެވެނީ އާންމު ދިރިއުޅުމުގެ އެތަކެއް ކަމެއް ޤުރުބާންކޮށް، ގިނަ ވަގުތުތަކެއް ހޭދަކޮށް، ކުރެވޭ ބުރަ މަސައްކަތުން ކަން ނީނާ ފާހަގަކުރެއްވިއެވެ.
“އެކަނި އުޅެގެން ކާމިޔާބު ނުކުރެވޭނެ ކަމަކަށް ވާތީ ކެމްޕޭންޓީމުތައް ހަދާ މަސް ދެމަސް ވަންދެން ހުއްޓާ ނުލާ ކެމްޕޭން ކޮށްގެންނެވެ. ގޭގެއަަށް ހިނގައިގެންނެވެ. ގޭގެއިން ދިމާ ނުވާ ނުވާ މީހުންނަށް ގުޅާހަދައިގެންނެވެ. ރަށުން ބޭރުގައި ތިބި މީހުންނަށް ގުޅަ މެސެޖުކޮށް ހަދައިގެންނެނެވެ. އަދި އެމީހުންގެ ޝަކުވާތައް އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތައް ފިލުވައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުަގައި ހުރި ބުރަކަން އެނގޭނީ މިކަން ތަޖުރިބާ ކުރި މީހަކަށެވެ. “
ވިދާޅުވީ، ސިޔާސީ މީހުންނަކީ 5 އަހަރުގެ ޓާމަކަށް އަންނަ ބަޔަކަށް ވުމުން، އެ މުއްދަތު ހަމަވުމުން މަޤާމު ގެއްލި، އަލުން ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނެ އެހެން ގޮތެއް ހޯދަން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް، މިއާ ޚިލާފަށް ދާއިމީ ވަޒީފާގައި އުޅޭ މީހުން މިފަދަ ކަންކަމާ ވިސްނާކަށް ނުޖެހޭނެ ކަމަށާއި، ދުނިޔެ އުމުރަށް އެމީހުންނަށް އެ ވަޒީފާގައި ދެމިތިބެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ
މީގެ އިތުރުން، ކަމެއް ލަސްވެގެން ނުވަތަ ނުކުރެވިގެން ދާއިމީ މުވައްޒަފުންނާ ޝަކުވާ ކުރާނެ ބަޔަކު ނުލިބޭނެ ކަމަށް ނީނާ ވިދާޅުވިއެވެ. ސިވިލް ސަރވަންޓެއް ކުރާ މަސައްކަތެއް ކަމުނުދިޔަ ނަމަވެސް، އޭގެ ހުރިހާ ޝަކުވާއެއް ރައްދުވަނީ ކައުންސިލް ރައީސަށް ނުވަތަ ކައުންސިލަރަށް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ. އަދި މީގެ އިތުރުން ވެސް، ތަފާތު އެތަކެއް ފުރައްސާރައާއި، ބަދުބަހާއި، ފާޑުކިޔުންތަކާ ކޮންމެ ދުވަހަކު ސިޔާސީ މީހުން ކުރިމަތިލާންޖެހޭ ކަމަށް ނީނާ ވިދާޅުވިއެވެ
ނީނާ ވިދާޅުވީ ޑަބްލިއުޑީސީގެ ރައީސާއަށް ޤާނޫނުން ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާތީ، އިންތިޚާބުވުމަށްފަހު އަތްއުރާލައިގެން ތިބެވެން ނެތް ކަމަށެވެ. އަދި ރައްޔިތުން ކޮށްފައިވާ އުންމީދުތައް ޙާސިލުކޮށްދިނުމަށްޓަކައި ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް މިހާރު ކޮމިޓީގެ ރައީސަކީ ކޮންމެ ދުވަހަކު އޮފީހަށް ނުކުމެ އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ މީހެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ
މީގެ އިތުރުން، ކޮމިޓީގެ އާދައިގެ މެންބަރުންނަށް އިތުރު އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކޮމިޓީގެ ރައީސަށް މިހާރު އެ ފުރުސަތު ނޯންނަކަން ނީނާ ބަޔާންކުރެއްވިއެވެ. އެހެންކަމުން، ކުރާ ބުރަ މަސައްކަތާ އެއްވަރުގެ އެކަށީގެންވާ ރަނގަޅު މުސާރައެއް ކޮމިޓީގެ ރައީސަށް ލިބެންޖެހޭ ކަމަށާއި، ކަންކަން ކުރުމުގެ ހިތްވަރާއި ޖޯޝު ލިބޭނީ އޭރުން ކަމަށް ނީނާ ވިދާޅުވިއެވެ
ނީނާ ވިދާޅުވީ، ކޮންމެ މީހަކު ވެސް ސޯޝަލް މީޑިއާގައި ސްޓޭޓަސްއެއް ލިޔަން ފެށުމުގެ ކުރިން “މިއީ މީހަކަށް އެއްޗެއް ލިބޭތީ ކަންބޮޑުވެގެން ދައްކާ ވާހަކައެއް ނޫން” ކަމަށް ބުނި ނަމަވެސް، އެމީހުން ދައްކާ ވާހަކަތަކުން ހީވަނީ ސީދާ މީހަކަށް އެއްޗެއް ލިބޭތީ ކަންބޮޑުވެގެން އުޅޭހެން ކަމަށެވެ. އެހެންކަމުން، އެފަދައިން ކަންބޮޑުވެގެން އުޅޭ މީހުން އެ ކަންބޮޑުވުންތައް ފިލުވައިލުމަށް ނީނާ ވަނީ އެދިވަޑައިގެންފައެވެ
“މިހާރު މިވަނީ ކޮމިޓީގެ ރައީސްގެ މުސާރަ ކުޑަކޮށްފައި. އެކަމަކު ވެސް ޖެހިލުމެއް ނެތް. 15،000 ރުފިޔާ ކީއްކުރަންތޯ، 1،500 ރުފިޔާ ދިނަސް މި މަސައްކަތުގައި [ދެމިހުންނާނަން]،” މުސާރައަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަޒުމް ވަރުގަދަކަން ހާމަކުރައްވަމުން ނީނާ ވިދާޅުވިއެވެ.




