40 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ދިނަފް-48 ތަޢާރަފްކޮށްފި
40 million rufiyyage investment furusathuthkaaeku dhinaf-48 tha'aaragkohffi

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުން، ދިނަފް-36 ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ’ދިނަފް-48‘ މިއަދު ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. ދިނަފްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަންޑު ތަޢާރަފްކޮށްފައިވާއިރު، މިއަދުން ފެށިގެން މި ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިނަފްއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީކޮށްގެން ހިންގާ ފަންޑެކެވެ. މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ދެނީ ސީއެމްޑީއޭގެ އުސޫލުތަކަށް ފެތޭ މިންގަނޑުތަކަށް ބަލައިގެންނެވެ. އެގޮތުން އަމިއްލަ ފަރުދެއްނަމަ އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ފަރާތަކަށް ވާންޖެހޭއިރު، ކުންފުނިތަކާއި އިންސްޓިޓިއުޝަންތަކުން އިންވެސްޓްކުރާނަމަ އަހަރަކު މަދުވެގެން 5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެންޖެހެއެވެ. މި ފަންޑުގައި އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އަދަދަކީ 50,000 ރުފިޔާއެވެ.
އިންވެސްޓްމަންޓްގެ މުއްދަތާއި ފައިދާގެ ނިސްބަތް
ދިނަފް-48 ގެ ދަށުން ތަފާތު ފަސް މުއްދަތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ:
- 6 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 10.50 އިންސައްތަ
- 12 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 11.00 އިންސައްތަ
- 2 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 11.50 އިންސައްތަ
- 3 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 12.00 އިންސައްތަ
- 4 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 12.25 އިންސައްތަ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާޙިދު ތައުފީޤު ވިދާޅުވީ، ދިނަފް މެދުވެރިކޮށް އިންވެސްޓަރުންނާއި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކާ ދެމެދު އިތުބާރު ހިފޭ ނިޒާމެއް ޤާއިމްކޮށްދެވޭ ކަމަށެވެ. އަދި ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އަދިވެސް ގިނަ ފުރުސަތުތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
”ވަކިވަކި ފަރުދުންގެ ތެރެއިން އިންވެސްޓްމެންޓް ކުރާ ފަރާތްތަކަށްވެސް ފުޅާ މާކެޓެއްގައި ބައިވެރިވުމުގެ ފުރުސަތު އެބަ ލިބޭ. މި ވިސްނުމާއިއެކު މިދިޔަ އޮކްޓޯބަރ މަހު ލޯންޗުކުރި ފަންޑު ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔައީ،“ އަބްދުލްވާޙިދު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ތަފާތު ގޮތްގޮތަށް އިންވެސްޓްމަންޓް ފަންޑުތައް އެކުލަވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
20 މިލިއަން ރުފިޔާގެ އަމާޒަކާއެކު ކުރިއަށް ގެންދިޔަ ދިނަފް-36 ކާމިޔާބުކަމާއެކު ނިންމާލެވުމަކީ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާކަމުގެ ހެއްކެއް ކަމަށް ދިނަފްއިން ދެކެއެވެ. މި ފަންޑުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން [email protected] ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.




