ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލަނީ
Guesthouse awardah kurimathilumuge furusathu july 15 gai hulhuvaalhanee

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026“ އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް އެ ބޭންކުން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް
މި އެވޯޑަށް ކުރިމަތިލާ ގެސްޓްހައުސްތަކަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް، ޓޫރިޒަމް މިނިސްޓްރީގެ ސައްހަ ލައިސަންސެއް އޮތް ތަންތަނަށް ވާންޖެހެއެވެ. އަދި ޓެކްސް ކްލިއަރެންސް އާއި ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުންތައް ހުށަހަޅަންޖެހޭއިރު، މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއްނެތި ހިންގާފައިވާ ތަނަކަށް ވާންޖެހެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮތުމަކީވެސް ޝަރުތެކެވެ.
ގެސްޓްހައުސްތައް ބަހާލާފައިވާ ޓިއަރތައް
އެމްއައިބީން ބުނި ގޮތުގައި ތަފާތު ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި ވާދަވެރިކަމެއް ބޭއްވުމަށްޓަކައި އެވޯޑުތައް ދިނުމުގައި ދެ ޓިއަރއަކަށް ވަނީ ބަހާލާފައެވެ. އެއީ 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތައް (ޓިއަރ 1) އަދި 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތައް (ޓިއަރ 2) އެވެ.
ވަކިވަކި ފަރުދުންނާއި ރަށްތަކަށް ދޭ އެވޯޑު
ވަކިވަކި ފަރުދުންނަށް ދޭ އެވޯޑަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭނެއެވެ. އަދި ”ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް“ އަށް ކުރިމަތިލާ ރަށްރަށަކީ މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި އޮޕަރޭޓްކުރާ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވާ ރަށްރަށަށް ވާންޖެހެއެވެ.
އެވޯޑު ކެޓަގަރީތަކާއި އިންތިޒާމުތައް
މި އެވޯޑްސްގައި ޖުމްލަ 3 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓިއަރއަކުން ގެސްޓްހައުސްތަކަށް ހާއްސަ 8 އެވޯޑާއި، އިންޑިވިޖުއަލް 3 އެވޯޑް އަދި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ 1 އެވޯޑެވެ. މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީންނެވެ. މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ.
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް ތަނުގައި އެމްއައިބީގެ ރަސްމީ މީޑިއާ ޗެނަލްތަކުން ހާމަކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ.




