އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަނުކުރަން މަޖިލީހުގެ ކޮމިޓީއިން ރުހުންދީފި
Information commisoner ge maqaamah Abdulazeez Jamaal Abubakuru ahyanukuran majileehuge commitee in ruhundheefi

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އޭނާ މި މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް ފޮނުއްވި ނަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހަ ގަޑިއިރުގެ ފުރުސަތެއް ދިނުމަށްފަހު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރާ އިންޓަވިއު ކޮށްފައެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހެދުމުގެ މަސައްކަތުގައި އޭނާ ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި މީގެކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިރު މަސައްކަތް ކުރެއްވީ ގާނޫނުގެ ނިޔަތާ އެއްގޮތަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ދައުރުގައި އެކަމަށް ކުރި މަސައްކަތަކީ ޕަބްލިސައިޒް ކޮށްގެން ކުރި ކަމެއް ނޫން. އަޅުގަނޑުގެ މަސައްކަތް ބިނާވެފައި ވަނީ ގާނޫނުގެ ނިޔަތުގެ މައްޗަށް އިނގޭތޯ. ގާނޫނުން ފެންނަ ދެލިގަނޑުގެ މައްޗަކަށް ނޫން. ނިޔަތަކީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުން،” އަބްދުލްއަޒީޒް ޖަމާލު ވިދާޅުވިއެވެ.
އިންޓަވިއުއަށްފަހު ކޮމިޓީގެ މެންބަރުން ވަނީ އަބްދުލްއަޒީޒަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ދެއްވާފައެވެ. އަދި އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ފަސް މެންބަރުންގެ ތާއީދާއެކުގައެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ފަރާތުން ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ.
އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަންކުރެވުނު އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމު ފުރުއްވާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށެވެ.




