މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި
Moosumee badhaluthalaa gulheygothun rajjeyeg thajuribaathah bainalaqwaamee forum ehgai hisaakoffi

ޖަރުމަނުވިލާތުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި، މޫސުމާއި ކަނޑުތަކުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ތަޖުރިބާތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ބައިވެރިވުންތަކާއި މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޢުލޫމާތުތަކާއި ތަޖުރިބާތައް ހާމަކުރައްވާފައިވަނީ ސްލައިކަން ޓްރަސްޓް (Slycan Trust) އަދި މެރިޓައިމް ރިސާޗް އެލަޔަންސް ގުޅިގެން ބޭއްވި “އެވިޑެންސް-ބޭސްޑް ޕޮލިސީމޭކިންގ: ދަ ރޯލް އޮފް ރިސާޗް އިން މަލްޓިލެޓަރަލް ނެގޯޝިއޭޝަންސް އޮން ކްލައިމެޓް، އޯޝަންސް، އެންޑް ސެކިއުރިޓީ” މި މަޢުޟޫޢުގެ ޚާއްޞަ އިވެންޓުގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް ވަނީ، މޫސުމާއި ކަނޑުތަކާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގައާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެއިން ހާސިލުކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހަމައެއާއެކު، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދައްކުވައިދޭ އިސްނެގުމާއި ލީޑަރޝިޕްގެ ދައުރަށް ވެސް އައިލީން އަލިއަޅުއްވާލެއްވި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި ބައްދަލުވުމަކީ މޫސުމީ ކަންކަމާއި ކަނޑުތަކުގެ އަމާންކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ހިންގޭ މަޝްވަރާތަކުގައި ސައިންޓިފިކް ދިރާސާތަކަށް ރިޢާޔަތްކޮށް ސިޔާސަތުތައް އެކަށައެޅުމުގެ މުހިންމުކަމާ މެދު ޚިޔާލު ބަދަލުކުރުމަށް އިންތިޒާމުކުރެވުނު މުހިންމު އިވެންޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު، މިފަދަ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖޭގެ ކަންބޮޑުވުންތައް ހުށަހެޅުމަކީ ދުނިޔޭގެ އެހީތެރިކަން ލިބިގަތުމަށް މަގުފަހިވާ ވަރަށް ބޭނުންތެރި ފުރުޞަތެއް ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.




