ޝަރީއާ ހަމަތަކާ އެއްގޮތަށް ބީއެމްއެލްގެ ލޯނުތަކާއި އެކައުންޓުތަކަށް ބަދަލުތަކެއް ގެނެސްފި

Shareeaa hamathakaa ehgothah BMLge loan thakaai account thakah badhaluthakeh genesfi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، ’އިސްލާމިކް ފައިނޭންސް ފަސްޓް‘ ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ވެސް އިސްލާމިކް ބޭންކިން އުސޫލުންނެވެ. ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތްތައް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ހިދުމަތް ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި މި ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ”މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުން،“ ޝަރީފް ވިދާޅުވިއެވެ.

އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރު ތެރޭގައި ބީއެމްއެލް އިން ވަނީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފައެވެ. އަދި އެ ބްރާންޗްތަކުން މިހާރު ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ.

ބީއެމްއެލް އިން އިސްލާމިކް ބޭންކިން ހިދުމަތް ދެމުން އަންނަނީ ޝަރީއާ އެއްގޮތްވާ ގޮތުގެމަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފަންޑު މުޅިން ވަކިކޮށް، މި ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭ ބޭންކުގެ ގޮތުގައި އޮތް ބީއެމްއެލް އިން ދަނީ ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ފައިނޭންސިންގެ އިތުރުން ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ. އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް އުސޫލަށް ބަދަލުކުރުމަކީ ރާއްޖޭގައި މި ދާއިރާ އިތުރަށް ފުޅާކުރުމަށް އެ ބޭންކުން ދޭ އިސްކަން ހާމަވާ ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted