އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރި ކުރުމަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރ ކޮށްފި

Ufehdhuntherikamuge maurazugai baiveri kurumah 6000 ahvure gina ufehdhun register kohffi

މިއަހަރު ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރި ކުރުމަށް 6،000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރ ކޮށްފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރކުރި އުފެއްދުންތަކާ އަޅައިބަލާއިރު 2،000 އަށްވުރެ އިތުރު އަދަދެކެވެ.

ބީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މައުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުސަތު މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ފަހު ދުވަހަށް މަޑުނުކޮށް ތަފްސީލްތައް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ދާއިރާއަކުން 73 ކެޓަގަރީއެއް ހިމަނައިގެންނެވެ. މިގޮތުން އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި، ހިދުމަތްތަކުގެ އިތުރުން އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.

މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ މިއަހަރުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށާއި މާކެޓް ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުސަތަށް ހެދުމެވެ. މި މައުރަޒަކީ ދިވެހި ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކޮށް، ހިދުމަތް ހޯދާ ފަރާތްތަކާއި އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ހަރަކާތްތަކުގެ އިތުރުން، ބޮޑުބެރާއި ދިވެހި ސަގާފީ އެކި ކުޅިވަރުތައް ވެސް ކުރިއަށްދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted