މުކުރިމަގު ބަލިކޮށް، ލ.އަތޮޅުގެ ޗެމްޕިއަންކަން ތުނޑި އެފްސީއަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މުކުރިމަގު ބަލިކޮށް، ތުނޑި ފުޓުބޯޅަ ކްލަބުން ލ.އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން މުޅިން އަލަށް ބޭއްވި މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ތުނޑި އެފްސީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމު ފައިނަލަށް ގޮސްފައިވަނީ ސެމީގައި މަތިމަރަދޫ ބަލިކުރުމަށްފަހު އެވެ. އަދި މުކުރިމަގު ފައިނަލަށް ގޮސްފައިވަނީ ސެމީ ގައި ޕެނަލްޓީ ޖަހައިގެން އިސްދޫ ބަލިކުރުމަށްފަހު އެވެ.
އިއްޔެ ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ތުނޑި އެފްސީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ކުރިހޯދައިގެނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ 17 ވަނަ މިނެޓުގައި ތުނޑީ ޓީމުން ވަނީ ކުރިހޯދާފަ އެވެ. އެއީ އެ ޓީމުގެ އައިސަމް ނެގި ހުރަހަކުން، މުކުރިމަގު ޓީމުގެ އީސާ އަލީމް ގައިގައި ޖެހިފައި، ބައިކޮޅަށް ވަން ލަނޑެކެވެ.
މުކުރިމަގުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 33 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަލީ ޝާމިސް (ތޮއްޕެ) ނަގައިދިން ހުރަހަކުން، މުކުރިމަގު ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ރާހިލް ރަޝީދު އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. މިއާއެކު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ. ތުނޑީ ޓީމުން ވަނީ ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. މުކުރިމަގު ޓީމުން ފުރަތަމަ ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުގެ ފަހު ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. މިއާއެކު، ތުނޑި އެފްސީ އަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުކުރިމަގު ޓީމުގެ ރާހިލް އެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ތުނޑި އެފްސީގެ އަހުމަދު ރަމީޒު އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޮނަދޫ ޓީމުގެ އިސްމާއީލް އަފާޒް އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މުކުރިމަގު ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ ވަނީ ޖުމްލަ 10 ލަނޑު ޖަހާފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އިއްބެ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މުކުރިމަގު ޓީމުގެ އިބްރާހިމް ރަޝީދު (ފީގޯ) އެވެ.