ކައްދޫ ރެސްޓޯރެންޓުން ތަކެތި ނުލިބޭތީ އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް
Kahdhoo restaurent in thakethi nulibeythee aanmunge gina kanboduvun thakeh

ލ. ކައްދޫ ރެސްޓޯރެންޓުން ތަކެތި ނުލިބޭތީ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ކައްދޫ ރެސްޓޯރެންޓުގެ ހިދުމަތާއި މެދު އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އެގޮތުން، އާންމު ފަރާތެެއް ހިއްސާކޮށްފައި އިން ޕޯސްޓެއްގައި ބުނީ އެއަރޕޯޓަށް ގޮސް ކަޅު ކޮފީއަކަށް އޯޑަރު ދިނުމުން ޖަވާބަކަށް ބުނީ ކޮފީދަޅު ހުސްވެފައިވާ ކަމަށެވެ. ކަޅުކޮފީ ނުލިބުމުން “ޖިންޖަރ ޓީ” އަކަށް އޯޑަރު ދިނުމުން ވެސް ބުނީ އިނގުރު ހުސްވެފައިވާ ކަމަށެވެ.
“ދެންތިބި މީހުން ބީފް ރައިސް އަށް ބުނީމަ ބީފެއް ނެތް. ޗިކަން ރައީސް އަށް އަޅާނެ ޗިކަން އެއްނެތް. ވަޅޯމަސް ރައިސްއެއް ހަދާލެވޭ ވަރު ވާނެ ކަމަށް ބުނުމުން އެމީން އޯޑަރު ދިން. ކާއެއްޗެހި އައުމުން އެމީހުން ދުފާއެއްޗަކަށް ބުނުމުން ބިލަތް ފިޔަވާ ހުރިހާއެއްޗެއް ހުރި.” އޭނާގެ ޕޯސްޓުގައި ބުންޏެވެ.
އޭނާގެ ޕޯސްޓުގައި ބުނީ ފާއިތުވި ބޮޑުއީދުގައި ވެސް ރަށަށް ޒިޔާރަތްކުރި ހުރިހާ އެންމެން ވެސް އެކަން ތަޖުރިބާ ކުރާނެ ކަމަށާއި މިފަދައިން އެއަރޕޯޓު ހިންގުމަކީ ރަށަށް ހަޑި ނަން ލިބޭ ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ލާމު އެމްވީއާ ވާހަކަ ދައްކަވަމުން ކައްދޫ ރެސްޓޯރެންޓުގެ ޖެނެރެލް މެނޭޖަރ މައުރޫފް ވިދާޅުވީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިދުވަސްކޮޅު ރެސްޓޯރެންޓުން ތަކެތި ނުލިބެނީ ފައިސާގެ ދަތިކަން ހުރުމުން ކަމަށެވެ. މިކަން ވީހާވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުރޫފް ވުދާޅުވިއެވެ.
ކައްދޫ ރެސްޓޯރެންޓަކީ ކައްދޫ އެއަރޕޯޓާއި އިން ވެގެން އިންނަ ތަނަކަށް ވުމުން ގިނަ ބަޔަކު މި ރެސްޓޯރެންޓަށް ޒިޔާރަތްކުރެއެވެ. ހާއްސަކޮށް، މި އެއަރޕޯޓަކީ ލ.އަތޮޅަށް ދަތުރުކުރުމުގެ މައި ދޮރާށި ކަމުން، އަތޮޅަށް އަންނަ މެހެމާނުންނާއި، ފުރަންދާ ގިނަ އަދަދެއްގެ ރައްޔިތުން މި ރެސްޓޯރެންޓަށް ޒިޔާރަތްކުރެއެވެ. ކައްދޫ ރެސްޓޯރެންޓުގެ ފެންވަރު ދަށްވުމުން މުޅި އަތޮޅުގެ އަގު ވެއްޓޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.