‘ރާޔާ މާލެ‘ ނަމުގައި ބޮޑު ސްކޭމެއް! ސަމާލުވޭ!
‘Raya Male’ namugai bodu scam eh! Samaaluvey!

‘ރާޔާ މާލެ’ގެ ނަމުގައި އޮންލައިންކޮށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީވެ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާޔާ މާލެ ވެބްސައިޓަކީ އިންޓަނެޓް ބޭންކިން އާއި ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދުމަށް ހިންގަމުންދާ ސްކޭމެއް ކަމަށެވެ.
ފުލުހުން ބުނީ އެ ސްކޭމަރުން، ކަސްޓަމަރުން ހޯދަނީ ހުސްކުރާ ސޭލްގެ ނަމުގައި %80 އާ ހަމައަށް ޑިސްކައުންޓެއް ދީގެން ކަމަށެވެ.
މީގެއިތުރުން، ކަސްޓަމަރުން ޕޭމަންޓު ހަދާ ވަގުތު، ބޭންކުގެ ފޭކު ލޮގިން ޕޭޖެއް ހަދައިގެން ޔޫސާނޭމް އާއި ޕާސްވޯޑެއް އެ ސްކޭމަރުން ހަދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ބޭނުންކޮށްގެން، ސްކޭމަރުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންއަށް ވަންނަ ކަމަށާއި، އެކައުންޓްގައި ހުންނަ ފައިސާ ނެގުމަށް ވެސް އެމީހުން މަސައްކަތްކުރާ ކަމަށެވެ.
ފުލުހުން ބުނީ އެ ޕޭޖުގައިވާ އެއްވެސް މައުލޫމާތެއް ފުރިހަމަ ނުކުރުމަށެވެ. އަދި އެފަދަ މައުލޫމާތެއް ހިއްސާކުރެވިއްޖެނަމަ ބޭންކު މެދުވެރިކޮށް ކާޑު ބްލޮކް ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ވަނީ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ލިންކެއްގައި އެކައުންޓުން ފައިސާ ފޮނުވަން ބޭނުންކުރާ އޯޓީޕީ ނުޖެހުމަށް އިލްތިމާސްކޮށްފައެވެ.




