ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި
Rajjeyege hurihaa rashehgai libraryge khidhumai qaaimkurumuge masahkai fashaifi

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމަށް ނިންމާފައިވާއިރު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ލައިބްރަރީތައް ތަރައްޤީކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅި ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ލައިބްރަރީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެކަމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އެކަމަށް މަގުފަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ދަނީ ކުރިއަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުން،“ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވިއެވެ.
ސާވޭއާއި މޮޑެލްތައް ކަނޑައެޅުން
ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލުތަކެއް ހިމެނޭހެން ޚާއްޞަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލި މި ސާވޭއިން ދައްކާގޮތުގައި، ކުތުބުޚާނާގެ ޚިދުމަތް ޤާއިމުވެފައި އޮތުމަކީ އާންމުން ނުހަނު ބޭނުންވާ ކަމެކެވެ. އަދި ރަށްތަކުގެ އާބާދީއާއި ބޭނުންތަކަށް ރިއާޔަތްކޮށް، ޤާއިމްކުރާނެ ލައިބްރަރީތަކުގެ އެކި މޮޑެލްތައް މިހާރު ވަނީ އައިޑެންޓިފައި ކުރެވިފައެވެ.
ފާތިމަތު ޝިހާމް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް ކުޑަކުދިންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް މައުލޫމާތު ހޯދުމަށް ލައިބްރަރީއަކީ މުހިންމު ތަނެއް ކަމަށެވެ. އެގޮތުން ވަކި ސައިޒުތަކަކަށް ބަހާލައިގެން ޚިދުމަތް ދޭނެ ގޮތުގެ މޮޑެލްތައް މިހާރު ވަނީ ކަނޑައެޅިފައެވެ.
ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުން
ރާއްޖޭގެ ކުތުބުހާނާގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް ކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދެއެވެ. އެގޮތުން ޤައުމީ ކުތުބުހާނާއަށް 81 އަހަރު ފުރުމާ ގުޅިގެން ”އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން“ މިހާރު ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ. މިއީ ރާއްޖޭގެ އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން ނެރޭ މުހިންމު ރިޕޯޓްތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ނިޒާމެކެވެ.




