ޑޮލަރު ރޭޓާއި ގުޅިގެން ނަޝީދަށް ސައީދުގެ ރައްދު
Doller rate aai gulhigen Nasheedh ah Saeeedh ge radhdheh

އިދިކޮޅު ފަރާތްތަކުން މާކެޓުގައި ނުތަނަވަސްކަން އުފައްދައި، ކަޅު ބާޒާރަށް ހިތްވަރުދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވަމުން ސައީދު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމަކަށްޓަކައި، މީހުން މުޒާހަރާ އަށް ޖަމާކުރުމަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް މިއަދު މިކަމުގެ ހަގީގަތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.އެމްޑީޕީން މާދަމާ ރޭ މާލޭގައި ބާއްވާ މުޒާހަރާއާ ދިމާކޮށް، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19ރ. އަށް ތިރިކުރަން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް މިއަދު ގޮވާލައްވާފައިވަނިކޮށް، ސޯޝަލް މީޑިޔާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
އަދި 2021 ވަނަ އަހަރު އިމްޕޯޓް ވިޔަފާރިތަކަށް ޓީޓީގެ ގޮތުގައި ބޭންކުތަކުން މަހަކު އެވްރެޖްކޮށް 6.7 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިހާރު އެ އަދަދު ވަނީ 26.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ކުރިން ދިން ފަސް ޕަސެންޓުގެ ސަޕޯޓާ އަޅާބަލާއިރު 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 2021 ގައި ދޫކުރި 1.9 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު 3.6 މިލިއަން ޑޮލަރު ދޫކޮށްފައި ވެ އެވެ، ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިން މަހަކު ތިން ލައްކަ ޑޮލަރު ވެސް ހަމަނުވާ އިރު، މިހާރު މަހަކު ތިން މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު ނޫންތޯ ވިދާޅުވީ، އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުގަ އިންނަވައިގެން ވިދާޅުވެފައި ހުންނާނެ ފައިސާ ޗާޕުކޮށް، އަށް ބިލިއަން ރުފިޔާ ގާނޫނު ސަސްޕެންޑް ކޮށްގެން ތިހެން ނުވަތަ ގާނޫނު، މީ، ގާނޫނާ ހަރުދަނާ ޒިންމާވާ ގާނޫނު ސަސްޕެންޑް ކޮށްގެން ތިހެން ތިކަން ކުރީމަ، ރުފިޔާގެ އަގު ވެއްޓޭނެއޭ،” އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފައްދަވައިގެން ނަޝީދު އުޅުއްވި ދުވަސްވަރު އޭރުގެ އެމްޑީޕީގެ ސަރުކާރަށް އަމާޒު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ލޯނު ދައްކައި، ރަހުނު ކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ސަލާމަތްކޮށްފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އިގްތިސާދު ކޮޅަށް ޖެހުމަށް 10 ބިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫއުތައް ރާވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމެވެ.




