ޒުވާނުން ޒިންމާދާރުކުރުމުގެ މަސައްކަތް ބަލައިގަނެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު
Zuvaanun zimmadhaarukurumuge masahkai balaigane natheejaa dhaee fennamun: Vazeeru

ޒުވާނުން ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އެ މަސައްކަތްތައް ދިވެހިން ބަލައިގެންފައިވާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޒުވާނުންނަކީ އަޚުލާޤު ރަނގަޅު، ޒިންމާދާރު ބަޔަކަށް ހެދުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައި ފެށި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ފުރިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޕްރޮގްރާމަށް ކަނޑައެޅުއްވި ލަނޑުދަނޑި ހާސިލުވެ، އެއަށްވުރެ އިތުރަށް ވެސް ކާމިޔާބީ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޙަސަން ރަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކަށްވީ ވަޠަނީ ޚިދުމަތުގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި 1000 ދަރިވަރުން ތަމްރީނުކުރުމެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި 1028 ބައިވެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ޒުވާނުން ނޭދެވޭ މަގުތަކުން ދިއުމަށް ބާރުއަޅާ ބަޔަކު މުޖުތަމަޢުގައި އުޅޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ”ޒުވާނުން އެކި މަގުމަގުން ނޭދެވޭ މަގުތަކުން ދިއުމަށް ބާރު އަޅާ ބަޔަކު އެބަވޭ. އެހެންނަމަވެސް މިއަދު އެކަންކަމުން ޒުވާނުން ސަލާމަތްކުރަން ރައީސް ކަނޑައެޅުއްވި ޕްރޮގްރާމަކީ ދިވެހިން ބަލައިގަންނަ ކަމެއް،“ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ފުރިހަމަކުރި ޒުވާނުން އެ ޕްރޮގްރާމުން ދަސްވި ކަންކަން ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ކާމިޔާބު ލިބޭނީ ހިތްވަރާއެކު މަސައްކަތްކޮށްގެން ކަމަށާއި، ކަންކަމާ ކެރިގެން ކުރިމަތިލުމަށާއި ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކުރާ ބަޔަކަށް ވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.




