އަމިއްލައަށް އެދިގެން ފެނަކައިން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތެއް ފެށުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެނީ
Amihlla ah edhigen fenaka in vakivaa muvahzafunnah amihlla masahakatheh feshumuge furusathu sarukaarun fahikohdhenee

އަމިއްލައަށް އެދިގެން ފެނަކަ ކޯޕަރޭޝަނުން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، މިއީ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންނަށް ”ޝަރަފުވެރި“ ކަމާއެކު ވަޒީފާއިން ވަކިވުމަށް ދިން ފުރުސަތެއް ކަމަށެވެ.
ފެނަކައިން ހާމަކުރި ގޮތުގައި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 108 މުވައްޒަފަކު ވަނީ ހުށަހަޅާފައެވެ. މިދިޔަ ޖޫން މަހުގެ 14 އާ ހަމައަށް މި ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ އެދުނީ 97 މުވައްޒަފުންނެވެ. ނަމަވެސް ފަހުން އިތުރު ހުށަހެޅުންތައް ލިބި، މިހާރު އެ ފަރާތްތައް ވަޒީފާއިން ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ކުންފުނިން ބުނެއެވެ.
ރިޑަންޑެންސީ ޕެކޭޖާއި ލޯނު ފުރުސަތުތައް
މިގޮތަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ރިޑަންޑެންސީ އުސޫލުގެ ތެރެއިން 4 މަސް ދުވަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެ ފަރާތްތަކަށް އަމިއްލަ މަސައްކަތެއް ފެށުމަށްޓަކައި ސަރުކާރުގެ ލޯން ސްކީމްތަކުގެ ތެރެއިން އެހީތެރިކަން ހޯދައިދޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. ”ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާ މިހާރު އެބަހުރި ލޯން ސްކީމް މޯގޭޖް ކުރުމަކާ ނުލާ. އެހެންވީމަ އަޅުގަނޑުމެން މި ދޫކޮށްލާ ފަރާތްތަކަށް އެ ލޯން ސްކީމުގެ ތެރެއިން ޝަރަފުވެރި މަސައްކަތެއް ކުރުމަށް ފުރުސަތު ފަހިކޮށްދެއްވާނެ،“ އަފީފު ވިދާޅުވިއެވެ.
ކުންފުނީގެ މާލީ ހާލަތާއި ހަރަދު ކުޑަކުރުން
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގައި ތިބި 8000 މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅެއް ނުޖެހެއެވެ. މުސާރަ ދިނުމަށް ސަރުކާރުން ކޮންމެ މަހަކު 40 މިލިޔަނާއި 50 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހެއެވެ. ވަކިވާ މުވައްޒަފުންނަށް ދޭ 4 މަހުގެ މުސާރަ ހަމަޖައްސާނީ ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިންނެވެ.
އަފީފު އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފައި ދޫކޮށްލުމުން، އަހަރުގެ ބާކީ އޮތް މަސްތަކުގެ މުސާރައިން ބޮޑު އެއްޗެއް ސޭވް ކުރެވޭނެ ކަމަށާއި، މިއީ ކުންފުންޏަށް ފައިދާވާނެ ގޮތެއް ކަމަށެވެ. ފެނަކައިން މުވައްޒަފުން މަދުކުރަން ނިންމީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށެވެ. ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.




