ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމަވައިފި
Fenaka aai RDC uvaalan nimavaifi

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި، އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ގޮތް އޮޑިޓް ރިޕޯޓުން ފެންނަން އެބައޮތް ކަމަށެވެ. އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވެން ނެތް ކަމަށް ފަންނީ ބޭފުޅުންގެ ލަފާ ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ ފެނަކަ އުވާލުމަށްފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށެވެ.
މި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ”މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން މި މަސައްކަތް ނިމުނީމައި. އެހެންކަމުން ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލު ކުރެވި ފެނަކަ އެއްކޮށް އުވާލެވިގެން ދާނެ،“ ކަމަށެވެ.
އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުން
ހަމައެއާއެކު، މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އާރްޑީސީ ވެސް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ގެންދަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމެވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ”ޑުޕްލިކޭޝަން ވަރަށް ގިނަ. ހަރަދު ވަރަށް ބޮޑު. އެހެންކަމުން އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި މި ބަދަލު މިގެންނަނީ. އާރްޑީސީ އުވާލެވި އެމްޓީސީއާ އެއްކޮށްލެވި އެމްޓީސީސީގެ ސަރުކާރު ހިއްސާ ބޮޑު ކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެން ދާނެ،“ ކަމަށެވެ.
މީގެ އިތުރުން މި ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި މަރުހަލާގެ ތެރޭގައި މުވައްޒަފުން މަދުކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފެނަކަ ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ރަށްރަށަށް އަސާސީ ޚިދުމަތްތައް ދިނުމަށް އުފެއްދި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ނަމަވެސް ފެށުނީއްސުރެ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ މި ކުންފުންޏަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެތައް ހާސް މުވައްޒަފުންނެއް އިތުރަށް ވައްދައި، ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. ހަމައެފަދައިން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި އާރްޑީސީއަކީ ވެސް ގިނަ އަދަދަކަށް މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ހުރެ ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކުންފުންޏެކެވެ.




