އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއެކު އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް ގެންގުޅޭ ނަމަ އިތުރު ފީއެއް ނަގަން ނިންމައިފި
Ehgamu dhathrufathuruge qaanoonaaeku eh vehicle ah vure gina vehicle gengulheynama ithuru fee eh nagan ninmaifi

އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް އަދި ދެ ބާވަތަކުން ވިޔަސް އިންޖީނުލީ ދެ އުޅަނދަށް ވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ “މަލްޓިޕްލް އޯނާޝިޕް ފީ”ގެ ނަމުގައި އަހަރަކު އެއްފަހަރު ދައްކަން ޖެހޭ ފީއެއް އަލަށް ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ތައާރަފްކޮށްފިއެވެ.
އިއްޔެ ތަސްދީގުކޮށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 99 ވަނަ މާއްދާގައިވާ ގޮތުން، އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ އަދަދު ދެއަކަށް ވުރެ އިތުރުވާ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށް ވުރެ އިތުރުވާ ނަމަ އަހަރަކު އެއްފަހަރު މި ފީ ދައްކަން ޖެހޭނެއެވެ. މި ފީ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ހަ މަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ.
ފީ ކަނޑައަޅާފައިވާ ގޮތް
ގާނޫނުގެ ޖަދުވަލު ދޭއްގައިވާ ގޮތުން މި ފީ ކަނޑައަޅަނީ އުޅަނދުތަކުގެ އިންޖީނުގެ ކެޕޭސިޓީއަށް ބަލައިގެންނެވެ. އެގޮތުން ފީ ބަހާލާފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ސައިކަލާއި އިންޖީނުލީ ބައިސިކަލް ކެޓަގަރީއާއި އެ ނޫން ވެހިކަލްތަކުގެ ކެޓަގަރީއެވެ.
ސައިކަލުތަކުން އަހަރަކު ނަގާ ފީގެ ރޭޓްތަކަށް ބަލާއިރު، އިންޖީނުގެ ކެޕޭސިޓީ 50 ސީސީ ހަމަނުވާ އުޅަނދުތަކަށް 360 ރުފިޔާ، 50 ސީސީއާއި 100 ސީސީއާ ދެމެދުގެ އުޅަނދުތަކަށް 720 ރުފިޔާ، އަދި 100 ސީސީއާއި 150 ސީސީއާ ދެމެދުގެ އުޅަނދުތަކަށް 1،296 ރުފިޔާ ދައްކަން ޖެހެއެވެ. މީގެއިތުރުން 150 ސީސީ އިން މަތި 200 ސީސީ ހަމަނުވާ އުޅަނދުތަކަށް 2،304 ރުފިޔާ، 200 ސީސީ އިން މަތި 400 ސީސީ ހަމަނުވާ އުޅަނދުތަކަށް 12،960 ރުފިޔާ އަދި 400 ސީސީ އިން މަތީގެ ސައިކަލުތަކަށް އަހަރަކު 17،280 ރުފިޔާ ދައްކަން ޖެހޭނެއެވެ.
މީގެއިތުރުން، ކާރާއި ވޭން އަދި ޖީޕް ފަދަ އުޅަނދުތައް އެކަކަށް އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓްރީ ކުރާ ނަމަ، އިންޖީނުގެ ކެޕޭސިޓީއަށް ބަލައި އަހަރަކު 4،320 ރުފިޔާއިން ފެށިގެން 22،480 ރުފިޔާއާ ހަމައަށް ފީ ދައްކަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މުދާ އުފުލާ އުޅަނދުތަކުން، އުފުލޭ ބަރުދަނަށް ބަލައި އަހަރަކު 3،600 ރުފިޔާއިން ފެށިގެން 15،000 ރުފިޔާއާ ހަމައަށް ފީ ދައްކަން ޖެހެއެވެ.




